ފުވައްމުލަކަށް އޮޅުއަލަ ތަޢާރަފް ކުރީ ކާކު؟


Rating: 1 out of 5.

އޮޅުއަލަ އަކީ ޒަމާނުއްސުރެ ފުވައްމުލައް ސިޓީގެ ރައްޔިތުން، ކުއެމަށް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ. ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި ވެސް އޮޅުއަލަ އިންދާ، ކެއުމުގައި ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެން ނަމަވެސް މިތާގައި  އަލިއާޅުވާ މިލަނީ ފުވައްމުލަކުގެ އޮޅުއަލައިގެ ތާރީހަށެވެ.

ފުވައްމުލަކަށް އެންމެ ފުރަތަމަ އޮޅުއަލަ ތަޢާރަފް ކުރީ، އެ ރަށު ދިގުވާޑު،އެޅަތޮށިގޭ މުހައްމަދު ދިދީ ކަމަށްވެއެވެ.އެބޭފުޅާ ހުވަދޫ އަތޮޅުން، ފުވައްމުލަކަށް ރިޔަލު ދޯންޏެއްގައި ދަތުރު ކުރައްވަނިކޮށް ބެހިގެން، އިންޑިއާގެ މުމްބާއީ އަށް ދެވުމުން އެތަނުން މުޑުވައް ގެނެސް ގެންކަމަށް ވެއެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކު ރައްޔިތުން،މިހާރުގެ ގޮތަށް ކާޑުގެ ބާވަތްތަށް ބޭނުން ކުރުމުގެ ބަދަލުގައި ބޭނުން ކޮއްފައި ވަނީ ފަލަމަޑީގެ ބާއްވަތްތަކެވެ. މީގެތެރެއިން ވެސް  ޙާއްސަކޮށް އޮޅުއަލައެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައިގެ، ދުވަސްވަރު ދުނިޔެއަށް ކުރިމަތިވި އިޤްތިސޯދީ ބޮޑު ހީނަރުކަމުގައި ވެސް، ކާބޮތަކެތި ނުލިބިގެން ނުވަތަ ކާޑުގެ ބާވަތްތަށް ނުލިބިގެން، ފުވައްމުލަކުން ބަޑަށް މީހަކު މަރު ނުވާކަމަށް ވެއެވެ.

އެ ދުވަސްވަރު ވާރު ވެރިޔަކަށް ހުންނެވި، އަލްމަރްޙޫމް ވާރުގޭ ޙަސަން ދީދީ، މާލެ ގޮސް، ވުޒާރަތުއްދާޚިލއްޔާއަށް ވަޑައިގަތުމުން، އޭރުގެ ރައީސް ސުމުވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލަގެފާނު ވިދާޅުވެގެން، ރަށުގެ އާންމު ހާލަތު އޮޅުން ފިލުވުމަށް ސުވާލްކުރެއްވި ބޭފުޅަކަށް، ޖަވާބު ދެއްވަމުން ހަސަންދީދީ ވިދާޅުވި ކަމަށްވޭ “އަދި މިހާތަނަށް ފުވައްމުލަކުން މިހާކު ބަޑަށް މަރުނުވާ ކަމަށާއި، ކާޑުގެ ތަކެތި ނުލިބި ހައެއްކަ އަހަރުވިޔަސް ކާނާގެ ގޮތުން ދަތިވެ ތަދުމަޑު ޙާލަތެއް ކުރިމަތި ނުވާނެ” ކަމަށެވެ.

އަދި ސުވާލް ކުރެއްވި ބޭފުޅަކު، ފުވައްމުލަކު ރައްޔިތުން ކަނީ ކޮއްޗެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި، ހަސަންދީދި ވިދާޅުވީ، ފުވައްމުލަކު ރައްޔިތުން ކަނީ އޮޅުއަލަ ކަމަށެވެ.

ކޮންމެ އަކަސް މިހާރުވެސް އޮޅުއަލައަކީ ކާން ރަނގަޅު ގިނަ ބާވަތްތަކެއް ތައްޔާރު ކުރެވޭ ރަހަމީރު އެއްޗެކެވެ. އެހެން ނަމަވެސް މިއަދު ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު ފުވައްމުލަކު އޮޅުއަލަ ދަނޑުތަށް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. އަދި ހުރި އޮޅުތަކަށް ވެސް ތަފާތު އެކި ބަލިތަށް ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ހޯދުމަކީ، މަޒީގެ ތަޖުރިބާގެ އަލީގައި މިއަދުގެ މި ނާޒުކު އިޤްތިސޯދީ ހާލަތަށް ވިސްނާއިރު ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

 

 

ނޯޓް: މި ލިޔުމަކީ ފުައްތޫރާގައި ، ފުވައްމުލަކު ތާރީޙް ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ، ފާރޫޤް އަޙްމަދު ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.