
ވަރިކުރުން ރާއްޖޭގައި މިހާ އާންމުވާން ޖެހުނު ސަބަބުގެ ކުޑަމިންވަރެއްގެ ތަސައްވަރު ކުރުމަށްޓަކައި، މިކަމާއި ގުޅިގެން އާންމުގެ ހިޔާލު ހޯދުމަށް،ގޫގުލް ފޯރމެއް ބޭނުންކޮށްގެން ސާރވޭއެއް ކޮއްލީމެވެ.
ސާރވޭގެ ނަތީޖާ
މި ސާރވޭގައި 115 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ސާރވޭގައި ބައިވެރިވި %43 މީހުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަރި ގިނަވުމުގެ އަސްލަކީ ކައިވެނީގެ ބޭރުން ނަހަމަ ގުޅުންތަކެއް ހިންގާތީކަމަށެވެ. %22 މީހުން ބުނެފައިވަނީ ޖިއޮގްރޮފީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން،ރަށުންބޭރުގައި، ވަޒީފާ އާއީ އެނޫންވެސް ޒަރޫރީ ބޭނުންތަކަށް އާއިލާއާއި ދުރުގައި އުޅެން ޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.%21 މީހުން ބުނެފައިވަނީ ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިހްތިރާމާއި ޤަދަރު ނުކުރާތީ ކަމަށެވެ. %5 މީހުން ބުނެފައިވަނީ ދެމަފިރިން އެކަކު އަނެކަކަށް، އިތުބާރުނުކޮށް ޝައްކާއި ވަޙުމް އުފައްދާތީ ކަމަށެވެ. އަދި %9 މީހުން ތަފާތު އެކިއެކި ސަބަބުތައް ވަނީ ހާމަކޮށްފައެވެ.
މީގޭ ތެރޭގައި އާއިލާގެ އެންމެން އެއްތަނެއްގައި ތޮއްޖެހިގެން އުޅެންޖެހުމުގެ ސަބަބުން ނުކުންނަ އިޖްތިމާއީ މައްސަލަތަކާއި، އިތުރު ކައިވެންޏަކަށް އެދުމުން،އެކަމާއި ނުރުހިގެން އުފެދޭ އަރައިރުމާއި އަދި ގެވެށި އަނިޔާކުރުމުގެ ސަބަބުން، އެ އަނިޔާތަކަށް ކެތް ނުކުރެވިގެން ވަރިކުރުމަށް މެދުވެރިވާކަމަށް ވެސް މި ސާރވޭގައި ބައިވެރިވި ބައެއް މީހުން ހާމަކޮއްފައިވެއެވެ.
މި ސާރވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ވަރި ގިނަވުމުގެ އަސްލަކީ، ކައިވެނީގެ ބޭރުން ހިންގާ ނަހަމަ ގުޅުންތަކެވެ. މިއީ 115 ވަރަކަށް ރައްޔިތުން، ރާއްޖޭގައި ވަރި ގިނަވުމަށް މެދުވެރިވާ ސަބަބުކަމަށް ގަބޫލްކުރާ ސަބަބުތަކެވެ. ފަހަރުގައި މި ސަބަބު ނޫން އެތަކެއް ސަބަބުތަކެއް ވެސް ހުރުމަކީ އެކަށީގެންވެއެވެ.