Kudairu Hadhaanthaki Gulhifaivaa “Kalhu’huthu Meyvey”


ރަށުން ހަދިޔާގެ ގޮތުގައި ލިބުނު ކަޅުހުއްތު މޭވާ – ފޮޓޯ – ސާއިމް މޫސާ 

މީގެ 14 ވަރަކަށް އަހަރު ކުރިއަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. މިހާރުގެ ގޮތަށް ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ވަސީލަތްތަށް އެހާ އާންމެ ނޫނެވެ. އަހެންކަމުން  އަހަރެމެން  މުނިފޫހި ފިލުވުމަށް ވެސް ކޮށް އުޅުނީ ޖިސްމާނީގޮތުން ހަރަކާތްތެރި ތަފާތު ކުޅިވަރާއި، ހަރަކާއްތަކެވެ.

މި ގޮތުން ކޮށްއުޅުނު އެއްކަމަކީ، އޮޅުތެރޭގައި އިންވަކި، ކުރުމަށް އިންދާފައި ހުންނަ  ކަޅުހުއްތު މޭވާ(މާފަންނެ މޭވާ، ފުވައްމުލަކު ބަހުން ) ގަސްތަކުން ކަޅުހުއްތު މޭވާ ބިނުމެވެ. އޮޅުގައި ފެންބޮޑު ވެފައިވީ ނަމަވެސް، އެއްވެސް ފަރުވާލެއް ނެތި އަހަރެމެން ފޯރިއާއި އެކު މޭވާ ބިންނަން ދަމެވެ.

ދޮންވެ ފައްކާވެފައިވާ ކަޅުހުއްތު މޭވާ ބިނދުމަށްފަހު ހަމަ އެ ސަރަޙައްދުގައި ހުންނަ ހިކި ފަސްތަންތަނުގައި، ފުވައްމުލަކު ބަހުންނަމަ ” ފީށިގަނޑޮ” ގައި ތިބެގެން މަޖާނަގާފައި ކައި އުޅުނީމެވެ. އަދި ދޮންވާން ކައިރިވެފައިވާ ކަޅުހުއްތު މޭވާތަށް ބިނދެގެން ގެޔަށް ގެނެސް، ދޮންވެ ފައްކާ ކުރުމަށްޓަކައި، ހަނޑޫ ބަލީދީގެ ތެރެއަށް ނުވަތަ ދޮންވެލީގެ  ތެރެއަށް ލައިއުޅުނީމެވެ.

މިއީ  އަހަރެމެން ކުޑައިރުގެ، އާދަކާދަތެކެވެ، މި އަދަކާތަކަށް ދިރުމެއް އަނެއްކާވެސް މިއައީ، އަހަރުތަކެއް ފަހުން، ހަދިޔާގެ ގޮތުގައި ރަށުން ލިބުނު، ކަޅުހުއްތު މޭވޭތަކެއް ސަބަބުންނެވެ.

ކަޅުހުއްތުމޭވާއަކީ ހަށިގަނޑަށް އެތަކެއް ފައިދާލިބޭ މީރު މޭވާއަކަށްވާއިރު މިއީ މިހާރު ރާއްޖެއިން ނެތެމުންދާ މޭވާއެކެވެ.މިމޭވާ ގިނައިން ބޭނުންކުރަނީ ފަނިގިރުމަށް ނަމަވެސް މޭވާއެއްގެ ގޮތުގައި ކާން މިއީ ރަނގަޅު އެއްޗެކެވެ.

ކަޅުހުއްތު މޭވާއިން ލިބޭ ގިނަ ފައިދާތަކަށް ބަލާއިރު ކަޅުހުއްތު މޭވާގެ އޮށުގެ “އެކްސްޓްރެކްޓު”ގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ކޮމްޕައުންޑްތަކެއް އެކުލެވިގެންވެއެވެ.މިކޮމްޕައުންޑްތައް ބޭސްވެރިކަމުގެ ތެރޭގައިވެސް ބޭނުންކުރާ ކަމަށްވެއެވެ.