Fuvahmulakah Emmeh Furathama Olhuala Thaarafu kurey kaaku ?


F6D75746-8DDB-4D8F-B4D2-1E4235EF43D8-scaled-1024x768އޮޅުއަލަ އަކީ ޒަމާނުއްސުރެ ފުވައްމުލައް ސިޓީގެ ރައްޔިތުން، ކެއެމަށް ބޭނުންކުރަމުން އަންނަ ފަލަމަޑީގެ ބާވަތެކެވެ. ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވެސް އޮޅުއަލަ ހައްދައެވެ. އެހެން ނަމަވެސް މިތާގައި، އަލިއަޅުވާމިލަނީ ފުވައްމުލަކުގެ އޮޅުއަލައިގެ ތާރީޚަށެވެ.

ފުވައްމުލަކަށް އެންމެ ފުރަތަމަ އޮޅުއަލަ ތަޢާރަފުކުރީ، ފުވައްމުލަކު، ދިގުވާޑު، އެޅަތޮށިގޭ މުހައްމަދު ދީދީ އެވެ. އެގިފައިވާ ގޮތުގައި މުހައްމަދީދީ، ފުވައްމުލަކަށް އޮޅުއަލަށް ގެނައީ، ހުވަދޫ އަތޮޅުން، ފުވައްމުލަކަށް ރިޔަލު ދޯންޏެއްގައި ދަތުރު ކުރައްވަނިކޮށް ބެހިގެން، އިންޑިއާގެ މުމްބާއީއަށް ދެވުމުން އެތަނުންނެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކު ރައްޔިތުން، މިހާރު ބޭނުންކުރާ ގޮތަށް ކާޑުގެ ބާވަތްތަށް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ފަލަމަޑީގެ ބާއްވަތްތަކެވެ. މީގެތެރެއިން ވެސް ޚާއްސަކޮށް އޮޅުއަލަ އަކީ ފުވައްމުލަކު ރައްޔިތުން ކެއުމަށް ބޭނުންކުރަމުން އައި އެންމެ މުޙިންމު އެއްބާވަތެކެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަގނުރާމައިގެ ދުވަސްވަރު  މުޅިދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ބޮޑު ތަދުމަޑުކަމުގައިވެސް، ކާބޯތަކެތި ނުލިބިގެން ނުވަތަ ކާޑުގެ ބާވަތްތައް ނުލިބިގެން، ފުވައްމުލަކުން މީހަކު ބަނޑަޖެހިގެން މަރު ނުވާކަމަށް ވެއެވެ.ސަބަބެއް ކަމަށް ވަނީ އޭރުވެސް ކެއުމަށް “އޮޅުއަލަ” ބޭނުން ކުރަމުން ދިޔުމެވެ.

އެ ދުވަސްވަރު ވާރު ވެރިޔަކަށް ހުންނެވި، އަލްމަރްޙޫމް ވާރުގޭ ޙަސަން ދީދީ، އޭރުގެ ރައީސް ސުމުވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލަގެފާނު ވިދާޅުވެގެން މާލެ ދަތުރުކުރައްވައި، ވުޒާރަތުއް ދާޚިލިއްޔާއަށް ވަޑައިގަތުމުން، ރަށުގެ އާންމު ޙާލަތު އޮޅުން ފިލުވުމަށް ސުވާލުކުރެއްވި ބޭފުޅަކަށް، ޖަވާބު ދެއްވަމުން ހަސަންދީދީ ވިދާޅުވި ކަމަށްވަނީ “އަދި މިހާތަނަށް ފުވައްމުލަކުން މީހަކު ބަނޑަށްޖެހިގެން މަރުނުވާ ކަމަށާއި، ކާޑުގެ ތަކެތި ނުލިބި ހައެއްކަ އަހަރުވިޔަސް ކާނާގެ ގޮތުން ދަތިވެ، ތަދުމަޑު ޙާލަތެއް ކުރިމަތި ނުވާނެ” ކަމަށެވެ.

އަދި އެބޭފުޅަކު، ފުވައްމުލަކު ރައްޔިތުން ކަނީ ކޯއްޗެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި، ހަސަންދީދީ ވިދާޅުވީ، ފުވައްމުލަކު ރައްޔިތުން ކަނީ އޮޅުއަލަ ކަމަށެވެ.

ކޮންމެއަކަސް، މިހާރުވެސް އޮޅުއަލައަކީ ކާން ރަނގަޅު ހަށިގަނޑަށް ފައިދާހުރި އޭގެއިން ގިނަ ބާވަތްތަކެއް ތައްޔާރު ކުރެވޭ ރަހަމީރު އެއްޗެކެވެ. އެހެން ނަމަވެސް މިއަދު ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުވައްމުލަކު އޮޅުއަލަ ދަނޑުތަށް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. އަދި ހުރި އޮޅުތަކަށް ވެސް ތަފާތު އެކި ބަލިތަށްޖެހި ނެތެމުންދާކަން ފާހަގަކުރެވެން ވަނީ ފަށާފައެވެ. މިކަމަށް ހައްލެއް ހޯދުމަކީ، މާޒީގެ ތަޖުރިބާގެ އަލީގައި މިއަދުގެ މި ނާޒުކު އިޤްތިސޯދީ ހާލަތަށް ވިސްނާއިރު ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

މިލިޔުން ލިޔެފައިމިވަނީ، ފުވައްމުލަކު ތަރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވަ، ފާރޫޤް އަހުމަދު، ފައްތޫރާގައި ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެންނެވެ. އެ ލިޔުމުގެ ޕީޑިއެފް ފައިލް ތިރީގައި އެވާ ލިންކުން ހުޅުވޭނެއެވެ.

Fuvahmulakugai olhuala