Dharumavantha Hospital ge ICU Gaadakah Othee Full vefa!


big_mpnxie9uoyx7gyzbpnk6oxk1lކޮވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފުރިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި މިވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އައިސީޔޫގައިވެސް މިވަގުތު ޖުމްލަ ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް ހުރި މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް މަދުކަމަށެވެ. އެގޮތުން މިހާރުވެސް 200 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން ހަ މީހަކު މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް” ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކޮވިޑްގެ ބަލީގެ ނުރައްކާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، މިއަދު އެކަނިވެސް 601 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.