ދެކޭހިތް މަވޭހާދަ، ތިޔަ ލޯބި ބޭބޭ
(އާދީއްތަ) 14/07/2017
=ރާގު: ކިޔާދޫތަކުން=
ޅެން: މަރްޔަމް އަޙްމަދު
އޮޅުތެރޭގެ،ދޫޑިގަން/ޏ.ފުވައްމުލައް
ދެކޭހިތް މަވޭހާދަ، ތިޔަ ލޯބި ބޭބޭ
ތިއީއޭ ނަމޫނާ، ތިހިތް ހެޔޮކަމާއޭ
އުފާވެރި އެހިނިތުން، ވުމާ ލޯބިބަސްތައް
ނުދާނޭ ފިލައިގެން، މިހިތްތަކުގެ ތެރެއިން
ދެކޭހިތް މަވޭ ހާދަ، ތިޔަ ލޯބި ބޭބޭ
ތިއީއޭ ނަމޫނާ، ތިހިތް ހެޔޮކަމާއޭ
**********
އެއާ ކަޅު އަނދިރިރޭ، ޖުލައި ސާދައެއްގައި
އެވީގޮތްމެނޭނގޭ، ވީ ދޫކޮށްދިޔާތާ
އެ މައިވަންތަ ލޯވެސް، ކަރުނައިން ފުރާލާ
މި ލޯބިވަ އެންމެންނެ، ދޫކޮށްދިޔާތާ
އެދޭ އެންމެ ފަހަރަކު، ދެކޭށޭ ތި ބޭބޭ
ދެކޭހިތް މަވޭ ހާދަ، ތިޔަ ލޯބި ބޭބޭ
ތިއީއޭ ނަމޫނާ ، ތި ހިތްހެޔޮކަމާއޭ
*****
ގުޅާ ކޮންމެ ފަހަރަކު،މިހިތްތައް ފުރާނޭ
ސަމާސާތަކުން ހިތް، ވަގުތުތައް ނަށާނޭ
އެދޭ އަދިމެ އެއްފަހަރު،ތިޔައަޑު އަހާލަން
މަށަށް ނަން މަޖާ ލޯބި،އަދިވެސް ގޮވާލަން
ޔަގީނޭ މެވާނޭ، ތިބޭބޭ މިހިތުގާ
ދެކޭ ހިތް މަވޭ ހާދަ، ތިޔަ ލޯބި ބޭބޭ
ތިއީއޭ ނަމޫނާ، ތި ހިތްހެޔޮކަމާއޭ
*****
ކުރަން އަދު ދުޢާ ރޮއެ، އެދިވި މާތް އިލާހަތް
ފެނުން ލޯބި ތިޔަބޭބޭ، އަދު އަހުރެމެންނަށް
ކުރާމީ ދުޢާ ޖަންނަތައް އެދެވިގެންނޭ
އަރާމާއި ނިއުމަތް އެދޭހާވެ ޝާމިލް
އެދޭ އެންމެ ފަހަރަކު، ދެކޭށޭ ތި ބޭބޭ،
=ނިމުނީ=
ނޯޓު: އަޅުގަނޑުގެ ބޭބެ (ދޫޑިގަން/ އޮޅުތެރޭގެ) މުހައްމަދު ޝަފީއު ވަނީ 14/07/2017 ގައި މާލެއިން ފުވައްމުލަކަށް( އަޅުގަނޑު މެންގެ ރަށް) އެދުވަހުގެ ރޭ 9:30 ހާއިރު ، އޭނަގެ އަންހެނުންނާއި ދޮންދަރިފުޅަކާއެކު އައިސްފައެވެ.އަދި އޭނަގެ އަންހެނުންގެ ގެއަށް( ރަށުގަ އޭނަވެސް ދިރިއުޅެނީ އެގޭގައި) އައިސް ދޮންދަރިފުޅަށް އޭނަގެ އަންހެނުންގެ އާއިލާފަރާތުން ބޭއްވި ކުޑަ ހަފްލާއެއްގެ ފަހުން އޭނަގެ އަންހެނުންގެ ސައިކަލު އެހެން ގެއެއްގަ ހުއްޓާ އެގެއިން ނަގައިގެން އަންހެނުންގެ ގެއަށް ލުމަށްފަހު ، އަންހެނުންގެ ހަގު ދަރި ފުޅުގޮވާގެން ފިހާރައަކަށް ގޮސްފަ އައިސް، ތިމަންނަ މިދަނީ ގެއަށޭ(މަންމަގެ ގެ) ބުނެ އެގެއިން ނުކުއްގޮތައް ވީނުވީ އެއްނޭނގި ގެއްލިފައެވެ.
ބޭބެ އަކީ މަޑުމައިތިރި، އާއިލާ އެންމެނާވެސް ގުޅުން ބަދަހި ކުރާ އަދި ރައްޓެއްސުނަށް ވެސް އެހާމެ ހެޔޮ ، މަޖާ މިޒާޖެއްގެ މީހެކެވެ. އާއިލާދެކެ ނުހަނު ލޯބިވާ އެންމެންގެ ބޭބެއެވެ. ދުވަހަކުވެސް ރުޅިއިސްކޮށްފައެއްނުވެއެވެ. އަބަދުވެސް ކާރީގަ ހުރެ ލޯބިން ނަސޭހައްދޭނެއެވެ. ބޭނުންވާއެއްޗެހި ފަސްޖެހުމެއްނެތި ހޯދަދޭނެއެވެ. މަންމަދެކެ ނުހަނު ލޯބިވާނެއެވެ. އެއްބަޑު އަދި އެއްބަފާ މީހުނާވެސް ނިކަން ގުޅޭނެއެވެ. އެކިމީހުން ރުޅި އަރުވާލަން އެކިނަންނަމުންގޮވާލާނެއެވެ. ހިތަށް އަރައެވެ. އަދިވެސް އެއްފަހަރު ނަމަވެސް އަޅުގަނޑަށް ގޮވާނެ ނަމައެވެ. ވަރިހަމައެވެ. ބޭބެ ބޭނުންނަމަކުން ގޮވަންވީއެވެ. އެކަމަކު އަޅުގަނޑުމެންނާ ދުރަށްނުދާށެވެ.
އަޅުގަނޑުގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ބޭބެ ހެޔޮހާލުގައި ފެނުމެވެ. އަދި ކޮންމެވެސް ގޮތަކުން ބޭބެއަށް ވީގޮތް އަޅުގަނޑުމެންނަށް އެނގުމެވެ. މަރުވެފާވީނަ، ﷲ ބޭބެގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެއްވުން އެދި ދުޢާ ކުރަމެވެ. އާމީން.